ބޭނުންވަނީ ސަރުކާރަށް ތާއިދު އޮތް ސަރުކާރުގެ ވައުދުތައް ފުރިހަމަކުރުމަށްޓަކައި އެއްބާރުލައި މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވަނީ ސަރުކާރަށް ތާއީދުކުރާ މަޖިލީހެއް މުހިއްމު ކަން ފާހަގަކުރައްވާފައެވެ.
"އަޅުގަނޑު ކެންޑިޑޭޓުންނަށް ދޭން ބޭނުންވާ މެސެޖަކީ މި ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިއްޕަވާށޭ. މިއީ ކުރިއަށް ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި ތިޔަ ހުރިހާ ކެންޑިޑޭޓުން، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތް ކުރަންވީ ވަގުތު ކަމުގައި އަޅުގަނޑު ދެކެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓުން، އެމްޑީޕީ ހިމެނޭގޮތަށް އައި ކޯލިޝަންގެ ވެރިކަމުގެ ވައުދުތައް ފުއްދުމަށް މަޖިލިސްގެ ތެރެއިން އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީން އެ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.
"މި ޕްރައިމަރީގައި ކާމިޔާބުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށް ފަހުގައި އެބޭފުޅުންގެ އަމަލުތައް، އެބޭފުޅުންގެ މިސްރާބު ޖަހާނެކަމުގައި އަޅުގަނޑު ގަބޫލުކުރަން،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.