ޚަބަރު

ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަންތައްތައް ގަބޫލެއް ނުކުރެވޭނެ: ރައީސް

އަހުމަދު ޖައިޝަން

އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަހަލަ ކަންތައްތަކެއް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވެފައިވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިނގާ ކަންތައްތަކަކީ ޑިމޮކްރަސީއާ އިދިކޮޅު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ހުންނަންވާ ޝަރުތުތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ޝަރުތުތަކުގެ އިތުރަށް ޝަރުތުތަކެއް ކަނޑައަޅައިގެން އޭގެން ބައެއް ފަރާތްތަކަށް މަގު ހަނިކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.