ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަސް ކަމަށެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު، ޖުޑީޝަރީ އާއި ލޯޔާސް އެމްވީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގާނޫނީ ވާކީލުކަން ކުރާ ފަރާތްތަކުގެ އަދަދު އަންނަނީ ކޮންމެ އަހަރަކު އިތުރު ވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު 170އަށް ވުރެ ގިނަ ފަރާތަކަށް ވަކީލުކަމުގެ ހުއްދަ ދީފައިވާއިރު އަހަރުގެ ފަހުކޮޅުގައި ވަނީ 181 ފަރާތަކަށް އެ ހުއްދަ ދީފައެވެ.