މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން މިރޭ 8:00 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަވާ އަރުވާނީ ފަސް މިނެޓަށް ކަމަށެވެ.
ސިފްކޯ އިން ވަނީ މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ހަވާ އަރުވައިދީފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކައިވެނި ހަފުލާއަކާ ގުޅިގެން މާލޭގައި ވަނީ ހަވާ އަރުވައިފައެވެ. އެފަހަރު ހަވާ އަރުވާފައިވަނީ ދެ މިނެޓަށެވެ.
މީގެ އިތުރުން އާ އަހަރު ފާހަގަކުރުމުގެ ގޮތުން 43 ރިސޯޓެއްގައި ސިފްކޯ އިން ވަނީ ހަވާ އަރުވައިފައެވެ.