ޚަބަރު

ސްޓޫޑަންޓް ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ރިފާ ހަލީލު

ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް މިހާތަނަށް ހުޅުވާލާ އެންމެ ބޮޑު ލޯނު ސްކީމުގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަން އަންގާފައިވަނީ މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން މިއަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މަތީ ތައުލީމު ހާސިލް ކުރެވޭނެ ކަމަށެވެ. އެގޮތުން ޖުމްލަ 770 ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިހާރު ކިޔަވަމުން އަންނަ ކުދިންނަށް 471 ޖާގަ މި ލޯނުތަކުގެ ތެރެއިން ހާއްސަ ކޮށްފައިވާއިރު އަލަށް ކިޔަވަން ފަށާ ކުދިންނަށް 290 ޖާގަ ހާއްސަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ފުރުސަތުތައް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ މަތީ ތައުލީމު ހާސިލްކޮށްގެން އައިސް ދަރިވަރުން ގައުމަށާއި ގައުމުގެ އިގްތިސޯދަށް ފައިދާހުރި ރޮނގުތަކުން ހިދުމަތްކުރުން. އަދި ޒުވާނުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުން. މިފަހަރުގެ ލޯން ސްކީމްގައި ހިމެނޭ އެންމެ ހާއްސަ އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މިފަހަރުގެ ލޯން ސްކީމްގައި ޖާގަ ހަމަޖައްސާފައިވުން." އޭނާ ވިދާޅުވި އެވެ.

ޑރ. ހަސަން ވިދާޅުވީ މިއަހަރު ލޯން ސްކީމްގައި ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގައި ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުން ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ދަރިވަރުން އުޅޭ ތަންތަނުގެ ކުއްޔާއި ކަރަންޓް ބިލާއި ފެން ބިލަށް ކުރަމުން އަންނަ ހަރަދުތައް ކުރުމަށް މި ލޯނު ސްކީމުން ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ ލޯން ސްކީމްގައި އޯޕަން ކެޓެގަރީ ހިމަނާފައި ނުވާނެ ކަމަށް ވިދާޅުވަމުން ޑރ. ހަސަން ވިދާޅުވީ އޯޕަން ކެޓެގަރީގެ ބަދަލުގައި، ރާއްޖޭގައި ތައުލީމު ހާސިލުކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު މިއަހަރު ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ހާއްސަކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ކުދިންނަށް 10 ޖާގައާއި މިހާރު ކިޔަވަމުން އަންނަ ކުދީންނަށް 10 ޖާގަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ހަސަން އިތުރަށް ވިދާޅުވީ މިއަހަރު ފުލް ފަންޑިން ގައުމުތައް އިތުރުކޮށްފައިވާނެ ކަމަށެވެ. މީގެތެރެއިން ދަރިވަރުން ބޭނުން ގައުމަކުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ފުލް ފަންޑިން ނުލިބޭ ގައުމުތަކަށް ދާނަމަ ބާކީ ހަރަދުތައް ހަމަޖައްސަން ޖެހޭނީ ދަރިވަރުން އަމިއްލައަށް ކަމަށް ވިދާޅުވި އެވެ.

މިއަހަރު ކިޔަވަން ދިޔުމަށް އިތުރު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔޫރަޕާއި މެދު އިރުމައްޗާއި ޕެސިފިކް ގައުމުތައް ހިމެނޭ ކަމަށާއި އަދި ސާކްގެ ގައުމުތަކުގެ އިތުރުން ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިއާ، ޔޫކްރެއިން، ރަޝިއާ، ކްރިގިސްތާން، ޗެކް ރިޕަބްލިކް، އަޒްބެޓާން، އިޓަލީ، ޔޫއޭއީ، މޯލްޓާ، ސައުދި އަރަބިއްޔާ، އިންޑަނޭޝިއާ، ގަތަރު، ސައުތު އެފްރިކާ، މިސްރު، ފީޖީ، މޮރިޝަލް ހިމެނޭކަމަށް ޑރ. ހަސަން ވަނީ ވިދާޅުވެފަ އެވެ.

މިފަހަރުގެ ލޯން ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި އަދި ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގައި ފަގީރުންގެ ގޮތުގައި ދަފުތަރުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިހާރުވެސް ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެތެރެއިން ކިޔެވުން ފުރިހަމަ ކުރުމަށް އޮތް މުއްދަތު ކުރު ދަރިވަރުންނަށް އިސްކަން ދެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ލޯން ސްކީމުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ތިން ހަފުތާގެ މުއްދަތެއް ދޭނެ ކަމަށާއި ލޯނު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަސް ކަމަށްވެސް ވިދާޅުވި އެވެ. އަދި ފުރަތަމަ ދެ ހަފުތާގައި ލޯނަށް އެދި ހުށަހަޅާ ފޯމުތައް ދިރާސާކޮށް ފުރިހަމަ ނުވެ ހުރެއްޖެ ނަމަ ޕޯޓަލް މެދުވެރިކޮށް ފުރިހަމަ ކުރުމަށް އެ ދަރިވަރަކަށް ފޮނުވޭނެ ކަމަށާއި ނަމަވެސް އެންމެ ފަހު ހަފުތާގައި ފޯމު ހުށަހަޅާ ދަރިވަރުންނަށް އެ ފުރުސަތު ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ކަމުން އެ މިނިސްޓްރީން ދޭ މައުލޫމާތު ސެޝަނުގައި ހުރިހާ ދަރިވަރުންވެސް ބައިވެރިވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.