ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މަޖިލިސް ނަޒާހަތްތެރި ތަނަކަށް ހަދައިދޭނެ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވޯޓުދިނުމަށް ޝާހިދު އެދިވަޑައިގެންފި

ޕްރައިމަރީގައި އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލިސް ނަޒާހަތްތެރި ތަނަކަށް ހަދައިދޭނެ ކެންޑިޑޭޓުންނަށް ވޯދު ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ މިއަދު ބާއްވާ އެމްޑީޕީ ޕްރައިމަރީ އަކީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޑިމޮކްރެޓިކް ހަރަކާތް ކަމަށެވެ.

"އެމްޑީޕީ އަކީ ވޯޓުލުމާ ރައްޓެހި ޕާޓީއެއް. ވީހާވެސް ގިނަ މެންބަރުން ނިކުންނަވައި މަޖިލިސް - 19 ނަޒާހަތްތެރި މަޖިލީހަކަށް ހަދާނެ ކެންޑިޑޭޓުން އިންތިޚާބުކުރައްވާ!" ޝާހިދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ޝާހިދު މިމޭރުމުން ޓުވީޓުކުރެއްވި އިރު އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 25 އަހަރު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުކަމާއި ވ. އަތޮޅު މެންބަރުކަމާއި ކެޔޮދޫ ދާއިރާގެ މެންބަރުކަން އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ހިމެނެ އެވެ.

އަބްދުﷲ ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ފަސް އަހަރު ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސްއަކީ ވެސް ޝާހިދު އެވެ.