މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބްރިފްކޭހުގައި އެތެރެކުރި ހަތަރު މިލިއަން ޑޮލަރަކީ ބީއެމްއެލްގެ އެއްޗެއް: ޖުނައިދު

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން އިންޑިއާގެ ދެ މީހަކު ވައިގެމަގުން ބްރިފްކޭހުގައި ރާއްޖެ އެތެރެކުރި ހަތަރު މިލިއަން ޑޮލަރަކީ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެއްޗެއް ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޖުނައިދު ވިދާޅުވީ އެ ފައިސާ ރާއްޖެ އެތެރެކުރީ އިންތިޚާބުގެ ކުރިން ކަމަށެވެ. ގިނަ އަދަދެއްގެ ފައިސާއާއެކު އިންޑިއާގެ ދެ މީހަކު ރާއްޖެ އައުމާ އެކު ފައިސާތަކާ އެކު އެމީހުން ހިފަހައްޓައި ސުވާލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުވާލުކުރުމުން އެ ދެ މީހުން ބުނަނީ އެއީ ބީއެމްއެލްގެ ފައިސާ ކަމަށް،" ޖުނައިދު ވިދާޅުވިއެވެ.

އިންތިޚާބުގެ ކުރިން އެތެރެކުރި އެ ފައިސާ އަކީ ކަޅު ފައިސާ ކަމަށް ތުހުމަތުކޮށް މީސް މީޑިއާގައި އަންނަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ.

ޖުނައިދު ވިދާޅުވީ ބޭންކަށް ބޮޑެތި އަދަދުތަކުން ފައިސާ ގެންނައިރު ކުރީބައިގައި ކަސްޓަމްސްއަށް އަންގާ ކަމަށާއި ނަމަވެސް އެފަހަރު ކުރިން އަންގާފައިނުވާ ކަމަށެވެ. އެއީ އެ ފައިސާއާ ގުޅޭގޮތުން މީސް މީޑިއާގައި ތަފާތު އެކި ވާހަކަތައް ދައްކަން ޖާގަ ލިބުނު ސަބަބެކެވެ.

އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު އެއީ ބީއެމްއެލްގެ ފައިސާކަން ކަށަވަރުވުމާ އެކު އެ ބޭންކާ ފައިސާ ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކާ އެ ފައިސާ ހަވާލުކުރުމާ ހަމައަށް އެ ފައިސާތައް ހުރީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި،" ޖުނައިދު ވިދާޅުވިއެވެ.

"އެހެންވީމަ އެއްގޮތަކަށްވެސް މި ދެކެވޭ ވާހަކައިގައި ގެއްލިއްޖެއޭ، އޭތި ވީގޮތެއް ނޭނގެއޭ. އެއީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. އޭގެ ރަނގަޅު ގޮތަކީ އެ އިންނަ އުސޫލާ ގަވާއިދުގެ ތެރެއިން ކަސްޓަމްސް އިން ބަލަންޖެހުނު ކަންތައްތައް ބަލާފައި އެ ފައިސާ މިހާރު ވަނީ ބީއެމްއެލްއާ ހަވާލުކުރެވިފައި،"