ޚަބަރު

ތ. ގުރައިދޫ ބަނދަރުގެ 25 ޕަސެންޓް މަސައްކަތް ނިންމާލައިފި

އަލީ ޔާމިން

ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 25 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 63 އިންސައްތަ މަސައްކަތް ނިންމާލައިފައިވާ ކަމަށާއި އެއާއެކު މުޅި މަޝްރޫއުގެ 25 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 24,485 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 185 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1،875 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.