ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ހިމާޔަތް ކުރާ ފާޓީއަކަށް ވާނީ ޖުމްހޫރީ ޕާޓީ ކަމަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވެފައިވަނީ ކަނަލް ނާޒިމްގެ ރައްޔިތުން މަޖިލީހުގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ރިޔާޒް އިތުރަށް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އަކީ އަބަދުވެސް ޖުމްހޫރީ ވެރިކަން ދިފާއުކުރުމުގެ ވިސްނުމުގައި އުފައްދާފައިވާ ޕާޓީއެކެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިސްނުން އަބަދުވެސް ހުންނަނީ ގައުމު އިސްކޮށްގެން މަސައްކަތް ކުރުމަށް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާޒް ވަނީ ޖުމްހޫރީ ޕާޓީއަކީ މުޅި ރާއްޖޭގައިވެސް އެންމެ ޔަގީންކަމާއެކު، ވެރިއަކާ ދޭތެރޭ ދެބަސްވެގެން ނަމަވެސް އުޅެވޭނެ ސިޔާސީ ގޮތުން ކާމިޔާބު ހާސިލު ކުރެވޭނެ ހަމައެކަނި ޕާޓީ ކަމުގައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭ އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާއި ދެބަސްވުމުގެ ސަބަބުން ޕާޓީތަކުގެ ސުލޫކީ ކޮމިޓީން އެ މެމްބަރަކު ޕާޓީން ވަކި ކުރާތަން ފެނުނު ކަމަށް ވިޔަސް ޖުމްހޫރީ ޕާޓީ އުފެދިގެން މިހާތަނަށް ޕާޓީން ކަނޑާލާފައިވާނީ އެންމެ މެމްބަރެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ. މިކަމުންވެސް އެނގެނީ ޖުމްހޫރީ ޕާޓީގެ ކާމިޔާބީކަން ރިޔާޒު ފާހަގަކުރެއްވި އެވެ.
ހަމަ އެއާއެކު ޖުމްހޫރީ ޕާޓީ އަކީ ތައުލީމެއް ހޯދައިގެން ގައުމަށް ހިދުމަތް ކުރުމަށް ތިބި އެންމެނަށް ހަމަހަމަ ފުރުސަތެއް ލިބެން އޮތް ޕްލެޓްފޯމެއް ކަމަށް ވެސް ރިޔާޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
މި ޖަލްސާގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަޖިލީހުގެ ރައީސް އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.