މާލޭގައި ދިރިއުޅޭ އުމުރުން 50 އަހަރާއި 55 އަހަރާ ދެމެދުގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.
އުމުރުން 50 އަހަރާއި 55 އަހަރާ ދެމެދުގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފެށުމަށް ނިންމާފައިވާ އިރު، އިއްޔެ އާއި މިއަދު ވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފައެވެ. އަދި އޭގެ ކުރިން 65 އަހަރުން މައްޗާއި 70 އަހަރުން މަތީގެ މީހުންނަށް ވެސް ވަނީ ވެކްސިން ދީފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ އުމުރުން 50 އަހަރާއި 55 އަހަރާ ދެމެދު އުމުރުފުރާގެ ވަކި ބަލިތަކެއް ހުންނަ މީހުންނަށް ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ.
އެ ފަރާތްތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުންނާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ހުޅުމާލެ ފްލޫ ކުލިނިކު ހުރި އިމާރާތް) އިންނާއި ވިލިމާލެ ޔޫތު ސެންޓަރުންނެވެ. ސޯޝަލް ސެންޓަރާއި ހުޅުމާލެއިން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ވެކްސިން ދިނުން ކުރިއަށްގެންދާ އިރު، ވިލިމާލޭގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. އެގޮތުން މިހާތަނަށް ޖުމުލަ 12،934 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެ ސަރަހައްދުން 10،626 މީހަކާއި އަތޮޅުތެރެއިން 2،308 މީހެކެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރު އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަންވެސް ވަނީ ނިންމައިފައެވެ.