އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 11 ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ 11 ބޭފުޅުންގެ ތެރެއިން ބޭފުޅަކު ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސީޓީފުޅު، މަޖިލީހުގެ އަމީން އާއްމު މިއަދުގެ ޖަލްސާއަށް އިއްވެވުމުން އެ ސިޓީއާއެކު ފޮނުއްވި 11 ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން ޖެހުނީ އެ ކޮމިޝަންގެ މެންބަރު ކަަމުގެ މަގާމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ތައްޔާރު ވެފައިވަނިކޮށް، 28 އޮކްޓޫބަރު 2020 ގައެވެ.