ޚަބަރު

ކެނދިކުޅުދޫގައި ކާޅު ބޭސް ކެއި ތިން އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެއްޖެ

ނ. ކެނދިކުޅުދޫގައި ކާޅު ބޭސް ކެއި ތިން އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ޞަފްވަތު އަހްމަދު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:00ގައި ކަމަށެވެ.

ޟަފްވަތު ވިދާޅުވީ މިހާރު އެ ކުއްޖާއަށް ފަރުވާ ދިނުމަށް ނ. މަނަދުއަށް ފޮނުވާލާފައިވާ ކަމަށާއި އެ ކުއްޖާ ކެއި ކާޅު ބޭހަކީ ކާޅުގެ އުނދަގޫ ބޮޑުވެގެން ގެވަޅެއްގެ ވެލިފުންޏެއްގައި ވަޅުލާފައިވާ ބޭސްތަކެއް ކަމަށެވެ.

"ކާޅުގެ އުނދަގޫ ބޮޑުވެގެން ގެވަޅުގެ ވެލިފުންޏެއްގައި މީހަކު ވަޅުލާފައިވާ ތިން ގުޅަ ބޭސް އެއީ. މިހާރު ފުލުހުން ވަނީ ބޭސް ވަޅުލި މީހާއާ ވެސް ސުވާލުކޮށްފައި. އެ ކުއްޖާ ބޭސް ކެއީ ކުޅެން އުޅުމުގެ ތެރޭގައި،" ޞަފްވަތު ވިދާޅުވިއެވެ.

އެ ހާދިސާ ހިނގުމުން ފުރަތަމަ އެކުއްޖާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ކެނދިކުޅުދޫ ސިއްހީ މަރުކަޒަށެވެ.