ޚަބަރު

ބީއެމްއެލްގެ މުވައްޒަފު ހިޔާނާތެރިވީ 4.9 މިލިއަނެއްހާ ރުފިޔާއަށް

މަރިޔަމް ޝަހުދާ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މުވައްޒަފަކު ހިޔާނާތެރިވީ 4.9 މިލިއަނެއްހާ ރުފިޔާއަށް ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލްގެ މުވައްޒަފަކު ފައިސާއަށް ހިޔާނާތްވި މައްސަލައާ ގުޅޭގޮތުން އާންމުކުރި ބަޔާނެއްގައިވާ ގޮތުގައި މި މައްސަލަ ބޭންކުގެ އިންޓަރނަލް އޮޑިޓުން ވަނީ ތަހުގީގުކޮށްފައެވެ. އެގޮތުން މި ތަހުގީގުތަކުން ދެއްކި ގޮތުގައި މި ހިޔާނާތަކީ ވަޒީފާގެ ގޮތުން އިންޓަރނަލް އެކައުންޓްތަކުގެ މުއާމަލާތް ކުރުމުގެ ބާރު ލިބިފައިވާ މުވައްޒަފަކު އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ކޮށްފައިވާ ހިޔާނާތެކެވެ.

ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި ބޭންކު ތެރޭ ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުން ހަރުދަނާ ގަވައިދުތަކަކާއި އުސޫލުތަކެއް ގާއިމްކޮށްފައިވާނެއެވެ. މީގެ އިތުރުން ބޭންކުން އިންޓާރނަލް ކޮންޓްރޯލްތައް ވެސް ގާއިމްކޮށްފައިވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެއާއެކު ބީއެމްއެލްގެ އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު އަމަލެއް ކޮށްފި ކަމުގައިވާނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.