ރައީސް ޔާމީން

ކެމްޕޭނަށް ހަމަޖެއްސި ރައީސް ޔާމީންގެ އެކައުންޓަށް ދިޔައީ ގަވާއިދުން ފައިސާ ލަމުން: މުއާޒް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކި އެކައުންޓެއް ހަމަޖެއްސިފައިވާ ކަމަށާއި އެ އެކައުންޓަށް ގަވާއިދުން ފައިސާ ލަމުން ދިޔަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް ކަމެއް އެކަމުގައި ނޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާކުރި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރުމާ ގުޅޭގޮތުން މުއާޒް ވިދާޅުވީ ގާނޫނުގައި ބުނާގޮތުގެ މަތިން ކެމްޕޭންގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި ރައީސްގެ ވަކި އެކައުންޓެއް ކަނޑައެޅިފައިވާނެ ކަމަށާއި ރައީސްގެ އެކައުންޓަކަށް ރާއްޖޭން ބޭރުން އެއްވެސް ފައިސާއެއް ޖަމާކޮށްފައިނުވާ ކަމަށެވެ.

"އެމްއެމްއޭގެ އެފްއައިޔޫއިން ސިޓީއެއް ފުލުހުންނަށް ދިޔަ ހަބަރު ރައީސްއަށް ލިބިވަޑައިގަތުމުން އެކަމާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އެމްއެމްއޭގެ ގަވަރުނަރަށް ރައީސް ގުޅުއްވި. އަދި އެފްއައިޔޫ އިން ސިޓީއެއް ފުލުހުންނަށް ފޮނުވާފައިވަނީ ގަވަރުނަރަށް އެނގިވަޑައިގެން ނޫން ކަމަށާއި އެ ސިޓީގައި ހުރި ވާހަކައިން ރައީސް ގާނޫނާ ހިލާފު ވެފައިވާ އެއްވެސް ކަމެއް އެނގެން ނެތުމުން އެ ސިޓީ އަނބުރާ ނަގާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި،" މުއާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެމްއެމްއޭގެ ފަރާތުން އެ ވާހަކައިގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށާއި އެހެންކަމުން މި ދެކެވޭ ވާހަކައިގެ ތަފްސީލީ މައުލޫމާތު ދިވެހި ލޮބުވެތި ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ.