މަދަނީ ޖަމިއްޔާތަކުގެ ފެއާގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ބުނެފިއެވެ.
މަދަނީ ޖަމިއްޔާތަކުގެ ފެއާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވައުދެކެވެ.
ހޯމް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ފެއާގެ މައިގަނޑު މަގުސަދަކީ ޕްރޮގްރާމުތައް ހިންގުމަށް ފަންޑު ހޯދޭނެ ފަސޭހަ ވަސީލަތް ގާއިމްކުރުމުގެ އިތުރުން ޕްރޮޖެކްޓް ސްޕޮންސާ ކުރާނެ ފަރާތްތައް ދެނެގަނެ އެހީ ހޯދުމަށް މަގުފަހިކޮށް އަދި މެމްބަރޝިޕް އިތުރުކޮށް، މައުލޫމާތު ހިއްސާ ކުރުމާއެކު ގުޅުން ބަދަހި ކުރުމެވެ. މީގެ އިތުރުން މި ފެއާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ފެއާގައި ބައިވެރިވުމަށް ވަކި ފީ އެއް ދައްކަން ނުޖެހޭ އިރު، ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ފޯމު ހުށަހަޅާ ތަރުތީބުން ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭ އުސޫލުންނެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހު 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.