ޚަބަރު

ކަސްޓަމްސް އިން 2.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން 2.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ފުލުހުންގެ އިސްނެގުމާއެކު ކަސްޓަމްސްއާ ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑު މަގުން އައި ކާގޯ އުޅަނދަކުންނެވެ.

ކަސްޓަމްސް އިން އާންމުކުރި ބަޔާނެއްގައިވާ ގޮތުގައި ކަސްޓަމްސް އިން ފާސްކުރި އުޅަނދަކުން ވަނީ މުދާތަކުތެރޭ ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައެވެ. ކުރެވުނު ތަހުލީލުތަކުން މި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައި ކަމަށާއި އަދި މިތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން އިއްޔެ ކަސްޓަމްސްއިން ވަނީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ. ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރެއިން އަތުލައިގެންފައިވަނީ ބަންގްލަދޭޝްއިން އައި 28 އަހަރުގެ ބަންގްްލަދޭޝް ފިރިހެނެކެވެ.

ކަސްޓަމްސްއިން މައުލޫމާތުދޭ ގޮތުގައި މިމީހާ ބަލައި ފާސްކޮށްފައިވަނީ އެމީހާގެ އަމަލުތައް ހުރި ގޮތުންނެވެ. އަދި މިމީހާ ބަލައި ފާސްކުރުމުގެ ތެރެއިން މި މީހާ އަތުން ޕެކެޓްތަކެއްގައި 1936 އޮރެންޖު ކުލައިގެ ގުޅަތަކެއް ފެނިފައިވާ ކަމަށާއި މިތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓެމައިން، ޔާބާ އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަދަދު ދެ ލައްކަ ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ އަންދާޒާކޮށްފައެވެ.

މި ދެ މައްސަލައިގަވެސް ޝާމިލުވާ މީހުންގެ އިތުރުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަަމަށް ކަސްޓަމްސްއިން މައުލޫމާތު ދިނެވެ. ފުލުހުން އަންނަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.