ޚަބަރު

އުސޫލުން ބޭރުން ކުދި ތަންތަނަށް ގިނަ އަދަދެއްގެ ކޯޓާތަކެއް!

އަހުމަދު ޖައިޝަން

ބިދޭސީން ގެންނަން އުސޫލުން ބޭރުން ކުދިކުދި ތަންތަނަށް ގިނަ އަދަދަކަށް ކޯޓާ ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ކުޑަ ކެފޭ ކަހަލަ ތަންތަނަށްވެސް 100 ކޯޓާ ދޫކޮށްފައިވާއިރު ގެސްޓުހައުސްތަކަށް 80 ކޯޓާ ދޫކޮށްފައިވާ ކަމަށެވެ.

"އެއްވެސް އުސޫލެއް އޮތް ކަމުގައި ވީނަމަވެސް އުސޫލަށް ބެލުމެއް ނެތި މިކަންކަން ވަނީ ހިނގާފައި،" އޭނާ ވިދާޅުވިއެވެ.

އަދި ބައެއް މަޝްރޫއުތަކަށް 3،700 ވަރަކަށް ކޯޓާ ދޫކޮށްފައިވާ ކަމަށްވެސް އޭނާ މިއަދު ފާހަގަކުރެއްވި އެވެ.

ހަނަފީ ވިދާޅުވީ އިމިގްރޭޝަން ވެފައިވަނީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް "އެހެންކަހަލަ ނަޒަރިއްޔާތަކުން ދެކޭ ތަނަކަށް ވެފައި" ކަމަށެވެ.

ވަގު ކޯޓާ ދޫކޮށްފައިވާއިރު އެ ކޯޓާތަކުގެ ސީދާ އަދަދެއް ހަނަފީ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބުނު ވަރަކުން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.