މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ޖަލުގައި ތިބިއިރު މީހުންނާމެދު ކަންކަން ހިނގިގޮތް ކޮމިޝަނުން ދަނީ ބަލަމުން: ހޯމް މިނިސްޓްރީ

އިބްރާހިމް ޒަކީ

މީހުން ޖަލުތަކުގެ ބަންދުގައި ހޭދަކުރިއިރު، ކަންކަން ހިނގާދިޔަ ގޮތް ވަޒަން ކުރުމުގެ މަސައްކަތް ކޮމިޝަން ފޮރ ޕްރިޒަންސް (ޖަލު ކޮމިޝަން) އިން ކުރަމުންގެންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ބަންދުގައި ތިބޭ މީހުންނާމެދު ކަންކަން ހިނގާގޮތް ރަނގަޅު ކުރުމަށްޓަކައި، އެފަދަ މީހުންނާ މެދު، ކަންކަން ހިނގާ ގޮތް ބެލުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، ޖަލުގައި ދުވަސްތަކެއް ހޭދަ ކުރައްްވާފައިވާ، ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބުދު ﷲ ސައީދު އާ ކޮމިޝަނުން ބައްދަލު ކުރައްވައި، އެމަނިކުފާނު ޖަލުގައި ތަހައްމަލް ކުރެއްވި ކަންތައްތަކާބެހޭގޮތުން ވަނީ މައުލޫމާތު އޮޅުން ފިލުވައިފަ އެވެ. މީގެ އިތުރުން ވެސް ޖަލު ތަކުގައި ހުކުމް ތަންފީޒު ކުރެއްވި، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާ ބައްދަލު ކުރަން ވަނީ ނިންމައިފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މީހުންނާމެދު ޖަލުތަކުގައި ކަންކަން ހިނގާ ގޮތުގެ ޝަކުވާ ހުށަހެޅުމަށް، ކޮމިޝަން ފޮރ ޕްރިޒަންސުން މިމަހުގެ ދެވަނަ ދުވަހުން، ދިހަ ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލި ފުރުސަތުގައި، އެތަނަށް ހާޒިރުވެގެންނާއި ފޯނުންނާއި ސިޓީގެ ޒަަރީއާ އިިން ވަރަށް ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، ކަމާބެހޭ ގާނޫނު ތަކާއި ގަވާއިދު ތަކާއި، ވަކި ވަކި ޖަލުތަކުގައި ހަދާފައިވާ ޖަލު އަމުރުތައްވެސް ދިރާސާކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދު ކުރެވޭ ފަރާތްތަކުުގެ ހައްގުތައް ރައްކާތެރިކޮށް، އެ ފަރާތްތައް އަނިޔާ އާއި ލާއިންސާނީ އަމަލުތަކުން ރައްކާތެރި ކުރެވިފައިވާ މިންވަރު ބަލައި ކަށަވަރު ކުރުމަށް، ގާއިމް ކުރެވިފައިވާ ނިޒާމް ތަކާއި، މިނިވަން މުއައްސަސާތަކުގެ ރިޕޯޓް ތަކާއި ބައިނަލް އަގުވާމީ ގާރާރުތައްވެސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.