ޚަބަރު

މިދިޔަ އަހަރު 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި، އެންމެ ގިނައިން އައީ ޔޫރަޕުން!

އަހުމަދު ޖައިޝަން

މިދިޔަ އަހަރު ރާއްޖެ އަށް 1،484،274 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ އަދަދަކީ ރިކޯޑް އަދަދެއްގެ ކާމިޔާބީއެއް ކަމަށެވެ.

އެއީ 2017 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރީންގެ އަދަދަށްވުރެ 6.8 ޕަސެންޓު އިތުރު އަދަދެކެވެ.

މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވަނީ ޔޫރަޕުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ފަތުވެރިންގެ 48.9 ޕަސެންޓެވެ.

އަލީ ވަހީދު ވިދާޅުވީ، އެއް ގައުމަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރީން ރާއްޖެ އައިސްފައި ވަނީ ޗައިނާ އިން ކަމަށެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ 19.1 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ ޖަރުމަނުވިލާތުގެ ފަތުރު ވެރިންނެވެ.

ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރީން ޒިޔާރާތްކުރާއިރު މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ޓުއަރިޒަމް ފެސިލިޓީތަކުގައި ޖުމްލަ 44،860 އެނދު ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ރިޒޯޓު ތަކާއި ގެސްޓު ހައުސްތަކާއި ސަފާރީތަކުގެ އިތުރުން ހޮޓެލްތަކެވެ.