ޚަބަރު

ދަރިންގޮވައިގެން ފިލުމުން މަންމައާ ދަރިން ހަވާލުކުރުމަށް ބައްޕަގެ މައްޗަށް ކޯޓުން އަމުރުކޮށްފި

މައިިމީހާއާ ދެ ދަރިން ހަވާލުކުރުމަށް، ދެ ދަރިން ގޮވައިގެން ފިލައިގެން ދިޔަ ބައްޕައެއްގެ މައްޗަށް ހދ. ފިނޭ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.

ފިނޭ މެޖިސްޓްރޭޓު ކޯޓަށް އެމައްސަލަ ހުށަހަޅާފައިވަނީ ކ. ކާށިދޫ މީހަކާ އިންދެގެން އުޅޭ ފިނޭ އަންހެނެކެވެ. މިދެމަފިރިންގެ ކައިވެންޏަށް ދެދަރިން ވަނީ ލިބިފައެވެ.

ފިނޭ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި އެމައްސަލައިގައި ބުނެފައިވަނީ، ވަރިވުމަށް އެދި އަންހެންމީހާ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް އަންހެންމީހާއަށް ނޭނގި ދެދަރިން ގޮވައިގެން އެކުދިންގެ ބައްޕަ ގޮސްފައިވާކަމަށެވެ.

އަދި ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ މީހެއް ކަމަށާއި ދަރިން އެކުދިންގެ ބައްޕަ ކައިރީ ތިބެއްޖެނަމަ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުންވެ، އޭގެ ސަބަުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ދަރިންނަށް ލިބިދާނެ ކަމަށެވެ.

އެމައްސަލައިގައި އިއްޔެ ފިނޭ މެޖިސްޓްރޭޓު ކޯޓުން ކުރި އަމުރުގައިވަނީ އެމައްސަލައިގައި ޝާމިލުވާ ދެކުދިންނަކީ އުމުރުން ހަތަރު އަހަރާއި ހަ އަހަރުގެ ކުދިން ކަމަށް ވާތީ އާއި ކުދިންގެ މައިންބަފައިންގެ ދެމެދުގައި ހިނގާ މައްސަލަތަކުގެ ޝިކާރައަކަށް ވުމަށް އެކުދިން ދޫކޮށްލުމަކީ ޝަރީއަތަށް ގަބޫލުކުރެވޭ ކަމަކަށް ނުވާތީ، މިހިނދުން މިހިނދަށް ދެކުދިން ކުދިންގެ މަންމައާ ހަވާލުކުރަން ޖެހޭ ކަމަށެވެ.