ދިވެހީންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއް ޖަހަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދާ އަނިޔާތަކަށް ލުޔެއް ލިބޭނެ ދުވަހެއްގެ އިންތިޒާރަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ނޮން ރެސިޑެންޓް ސަފީރެއް އައްޔަންކުރަން ނިންމަވައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ވަނީ އިއުލާނުކުރައްވައިފައެވެ.
ޕީއެސްއެމްގެ "ރިޔާސީ ބަޔާން 2021" ޕްރޮގްރާމްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. ދިވެހީންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއް ޖަހަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދާ އަނިޔާތަކަށް ލުޔެއް ލިބޭނެ ދުވަހެއްގެ އިންތިޒާރަށް ކަމަށެވެ.
"ދިވެހިންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއް ޖަހަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދާ އަނިޔާތަކަށް، އަޅުގަނޑުމެން ލޮބުވެތި އަހުންނާއި އުހުތުން އެ ތަހަންމަލް ކުރަމުންދާ ހިތްދަތިކަމަށް ލުޔެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި. ހިތުގެ ހައްސާސް ނާރަކާ ފަލަސްތީނާ ގުޅިފަ އޮންނަނީ. މުސްލިމުންގެ މުގަށްދަސް ތިން ވަނަ ބިނާ ހުރީ ގުދުސްގަ. އެއީ ސަބަބަކީ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ވަރަށް ލޯތްބާއެކު އެ މުގައްދަސް ބިނާ ސަލާމަތް ކުރުމުގައި ނުކުމެ ތިބީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާތީ ކަމަށެވެ. އަދި އެކި ޒަމާންތަކުގައި ދިވެހިން މިކަމުގައި ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް މިހާތަނަށް އައިއިރު ރާއްޖެއިން އެއްވެސް މިންވަރަކަށް ފަލަސްތީނާ ސިޔާސީ ގުޅުން ގާއިމް ކުރުމަށް މި ކުރެވުނު މަސައްކަތުގެ ތެރޭގައި ފަލަސްތީނަށް ސަފީރަކު ކަނޑައެޅިފައެއް ނެތް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނީ ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައިދިނުމަށް ކަމަށާއި ރައީސް ކުރެއްވި އިއުލާނުން ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއް ހަމައެއްގައި ރާއްޖޭން ފަލަސްތީން ދެކޭކަން ސާބިތުކޮށްދީފި ކަމަށެވެ. އަދި ވިދާޅުވީ ރައީސްގެ ވިސްނުންފުޅު ހުރީ ފަލަސްތީން ގައުމެއްގެ ގޮތުގައި ދެމި އޮންނާނެ މަގަށް މަސައްކަތް ކުރުމުގައި މި ސަރުކާރުން ފަހަތަށް ނުޖެހުން ކަމަށާއި މިއަދު ސާބިތުކޮށްދެއްވީ އެކަން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު އިއްޔެ ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ގައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ގަސްދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.