މުހައްމަދު އައުޒަމް
ރިޔާސީ އިންތިހާބާ ދިމާކޮށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް 1.5 މިލިއަން ޑޮލަރު ލިބުނު ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އެ ނޫސް އެޖެންސީއަށް ލިބުނު ސިއްރު ލިޔުމެއްގައިވާ ގޮތުން ދެ އިންސްޓޯލްމަންޓެއްގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް، ރައީސް ޔާމީނަށް އެ ފައިސާ ލިބިފައިވެއެވެ.
ރާއްޖޭގެ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް (އެފްއައިޔޫ)އިން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި އޭރު ހުންނެވި އަބްދުﷲ ނަވާޒަށް އެކަމުގެ ލިޔެކިޔުންތައް ހުށަހަޅާފައިވަނީ ނިމިގެންދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
އެފްއައިޔޫގެ އެ ލިޔެކިޔުންތަކުން 648،508 ޑޮލަރުގެ ނަގުދު ފައިސާ ސެޕްޓަމްބަރު މަހުގެ ފަސްވަނަ ދުވަހު ޖަމާކޮށްފައިވާ ކަމަށާއި ސެޕްޓެމްބަރު މަހުގެ ދިހަވަނަ ދުވަހު އިތުރު 810،635 ޑޮލަރުގެ ނަގުދު ފައިސާ ޖަމާކޮށްފައިވާކަން ދައްކާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ. އަދި ފަހުން ޖަމާކުރި ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ލިޔެކިޔުންތަކުން ދައްކައެވެ.
އެ ފައިސާ ލިބުނީ ކޮން ގޮތަކުންކަން ހޯދުމަށް އެފްއައިޔޫއިން ބޭންކްއާ ސުވާލުކުރުމުން އެ ފައިސާއަކީ ރިޔާސީ އިންތިހާބަށް ހަރަދުކުރުމަށް ބައެއް ކުންފުނިތަކުންނާއި އެހެނިހެން ގޮތްތަކުން ލިބުނު ފައިސާތައް ކަމަށް އެ ލިޔުމުގައި ބުނާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.
އެކަމާ ގުޅިގެން އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ރައީސް ޔާމީން ނުކުރައްވާނެ ކަމަށެވެ.