މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖީސްޓްރީ ކުރަން ނުޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރުވީ އެ އޮތޯރިޓީން ތަންތަނަށް ގޮސް އެފަދަ ފަރާތްތަކަށް ރަނގަޅު ނޫން ތަސައްވުރެއް ދައްކައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވަނީ ރަޖިސްޓަރީކުރަން ލާޒިމު ނޫން ފަރާތްތައް އުނިކުރަން މީރާއިން އިލްތިމާސްކުރުމާ ގުޅިގެންނެވެ.
މީރާއިން ބުނެފައިވަނީ އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވިޔަފާރިނުކުރާ ފަރާތްތަކާ އެފަރާތްތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރުން ލާޒިމު ނުވާ ގިނަ ފަރާތްތަކެއް ހިމެނޭ ކަމަށެވެ.
މީރާއިން ބުނީ މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރި ނަމަވެސް ޓެކްސް ބަޔާން ހުށަހެޅުން ފަދަ ޓެކުހާ ގުޅުންހުރި އިލްތިޒާމްތައް ގަވާއިދުން ފުރިހަމަ ނުކުރުމަކީ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރާ ކަމެއް ކަމަށެވެ.
އެހެންކަމުން އެފަރާތްތަކުން ޓެކްސް އާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރަން ޖެހުމުން އެކިކަލަހަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ޝަކުވާ މީރާއަށް ލިބޭ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެ މައްސަލަ އަކީ މީރާއިން ޓެކްސް ރޫލިންއަށް ބަދަލު ގެނެސްގެން ވެސް ހައްލުކުރެވޭނެ މައްސަލައެއް ކަމަށެވެ.