އައްޑޫސިޓީގެ ހުޅުމީދޫން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މީގެ އެއް ހަފުތާކުރިން ހުޅުދުއަށް ފުރަބަންދު ކަރަންޓީީނަށް ދިޔަ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭރު މައުލޫމާތު ލިބިފައިވަނީ އެ ސައިޓުގައި ކޮންޓެކްޓެއް ނެތް ކަމަށާއި އެހެންކަމުން މި ދެ މީހުންނާ ގުޅިގެން އިތުރު ބަޔަކު ކަރަންޓީން ކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް މިއަދު ކޮވިޑްގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ސައިޓްގައި ޖުމްލަ 60 މީހުން އެބަތިބި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އެޗްއީއޯސީން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިމެންދެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ހުޅުމީދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހާއްސަ ހުއްދައިގެ ދަށުން ދިޔަ ދެ މީހަކު ޕޮޒިޓިވްވެ، އިއްޔެ ވަނީ ގދ. ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ދެ ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، އއ. މަތިވެރި ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މީގެ އިތުރުން ކޮވިޑު ޖެހި ރަނގަޅުވި މީހެއް އަލުން ޕޮޒިޓިވްވެ، ހއ. މުރައިދޫ ވެސް ވަނީ މޮނީޓަރިންއަށް ގެނެސްފައެވެ. އަދި މ. ކޮޅުފުށިން މާލެ އައި މީހަކު ޕޮޒިޓިވްވެ، ރަށް މޮނީޓަރިންއަށް ގެނެސްފައެވެ.