ޕީޕީއެމްގެ މިލްކުވެރިކަމާބެހޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި، ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ އިޖުރާއީ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
މިއީ ޕީޕީއެމް ރައީސް މައުމޫނާ ހަވާކު ކުރުމަށް، އެ ޕާޓީގެ ދެ މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެތޯ ކަނޑައެޅުމަށް ބޭއްވި އަޑުއެހުން ތަކެކެވެ.
މިއަދުގެ އަޑުއެހުމުގައި، ކުރީގެ ރައީސް މައުމޫނުގެ ފަރާތްޕުޅުން ވަނީ މައްސަލައަށް ތަދައްހުލު ވެފަ އެވެ.
މިއަދުވެސް ޕީޕީއެމްގެ ފަރާތުން ވަކާލާތު ކޮށްފައިވަނީ، އެ މައްސަލައަކީ ނިމިފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ. އެ ގޮތުން އެ މައްސަލަ އަކީ ޕީޕީއެމް، އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބުދުﷲ ޔާމީނާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މީގެކުރިން ނިންމާފައިވާ މައްސަލައެއް ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ރައީސް މައުމޫނުގެ ފަރާތްޕުޅުން މައްސަލައަށް ތަދައްހުލުވެ، ރައްދުގައި ބުނެފައިވަނީ ސިވިލްކޯޓުން ނިންމި މައްސަލައިގައި ބުނެފައިވާ މުޝްތަޝާރު މިވަގުތު އެ ޕާޓީގައި ނެތް ކަމަށެވެ. އަދި އެ ހާލަތު އުވިގެން ގޮސްވައި ވުމާއި، އުސޫލުތަކާ ހިލާފަށް ބޭއްވި ޕީޕީއެމްގެ ކޮންގްރެސް އިލެކްޝަން ކޮމިޝަނުން ބަލައިގެންފައިނުވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މައުމޫނުގެ ފަރާތްޕުޅުން ވަނީ ބުނެފަ އެވެ.
މިއަދުގެ އަޑުއެހުންތައް ނިންމަވައިލެއްވިކަން އިއުލާން ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ، މައްސަލަ ބަލައި ގަތުމާމެދު ނިންމަވާ ގޮތެއް އަންގަވާނެ ކަމަށެވެ.