މި އަހަރު އިތުރު 18 ރިސޯޓު ހުޅުވި 9000 ވަޒީފާ އުފެދޭނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރާއިރު، މި ސިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓްހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ލާފައިވާނެ ކަމަށާއި އަދި ރިޒޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް މިހާރު ބަދަލު ގެނެސްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމަށް ކުރެވޭ، ވަރަށް މުހިންމު ކަމެއް. އަދި މިހާރު ތަރައްގީކުރަމުން އަންނަ ރިޒޯޓްތަކާއެކު، މިއަހަރުގެ ތެރޭގައި ޖުމުލަ 18 ރިޒޯޓެއް މުޅިން އަލަށް ހުޅުވި، 5062 އެނދު މާރުކޭޓަށް ނެރެވޭނެ ކަމަށް އަންދާޒާކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި ވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިގުތިސޯދީ ސިނާއަތްތައް ފުޅާކުރާއިރު އެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް، ފަތުރުވެރިކަމުގެ ދާއިރާ އާއި، އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާ އާއި އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ.