ޚަބަރު

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަތަން ރައްކާތެރި ސަރަހައްދެއް ކަނޑައަޅަނީ

އަހުމަދު ޖައިޝަން

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފަތަން ރައްކާތެރި ސަރަހައްދެއް ކަނޑައަޅަން ސަރުކާރުން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރަށްރަށުގައި ފަތަން ރައްކާތެރި ސަރަހައްދެއް ކަނޑައެޅުމަށް ރަށްތަކުގެ ކައުންސިލްތަކާ މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު މޫދަށް އެރި އުޅުމުގެ ތެރޭގައި ދާދިފަހުން ވަނީ ހިތާމަވެރި ހާދިސާތައް ހިނގައިފައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ދެ ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ. އަދި އިއްޔެ ވަނީ ޕެރަޑައިސް އައިލެންޑުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ވެސް މަރުވެފައެވެ.

ފަތުރުވެރިންނާ ގުޅުންހުރި މަރުތަކުގެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު ހިނގި ތަފާތު ހާދިސާތަކުގައި ނުވަ ބިދޭސީއަކު ވަނީ މަރުވެފައި ކަމަށެވެ. އަދި ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދޭ ތިން މީހަކުވެސް މިއަހަރުގެ ތެރޭގައި މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.