ޑިފެންސް މިނިސްޓަރުގެ ހަވާލުގައިވާ އެއްވެސް އޮފީހަކުން، ކޮރަޕްޝަންގެ އެއްވެސްކަމެއް ހިންގާކަމަށް ޝައްކު ވެއްޖެ ނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފި އެވެ.
މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަމަނާ ހަވާލުވެވަޑައިގެންފައިވާ އެއްވެސް އޮފީހެއްގައި އެއްވެސް ބާވަތެއްގެ ކޮރަޕްޝަނެއް ހިނގާކަމަށް ކުޑަވެސް ޝައްކެއް ވާނަމަ އެކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ޕޮލިސް ސާވިސްއަށް ހުށަހެޅުއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ ދެ މުއައްސަސާ ނޫން އެހެން ތަހުގީގީ އިދާރާއަކަށް ރިޕޯޓް ކޮށްގެން ނަމަވެސް އެފަދަ ކަންކަމުގެ ހަގީގަތް ހޯދުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް މިނސިްޓަރު މާރިޔާ ވިދާޅުވިއެވެ.
ދައުލަތުގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ ތަހުގީގު ކުރެވިފައިނުވާ މައްސަލަތަކާއި އެކަށީގެންވާ މިންވަރަށް ތަހުގީގުކޮށްފައިނުވާ މައްސަލަތައް ހުށަހެޅުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފުރުސަތު ހުލުވާލައިފަ އެވެ.
ނަމަވެސް އެ ފުރުސަތުތައް ހުޅުވާލާފައިވަނީ 1 ޖަނުއަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ އެފަދަ މައްސަލަތަކަށެވެ.