މިހާރު ކުރިއަށްދާ ވެކްސިން ޖެހުމުގެ ފުރަތަމަ ބުރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 5,000 މުވައްޒަފުންނަށް ވެކްސިން ދޭން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑު ވެކްސިން ދޭން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ގެ އެއް ލައްކަ ޑޯޒެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް މި ވެކްސިންގެ ދެ ޑޯޒު ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50,000 މީހުންނަށެވެ.
"ވަން" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ފަތުރުވެރިންނާ ކައިރިން ފްރަންޓްލައިންގައި މަސައްކަތްކުރާ 5000 މުވައްޒަފުންނަށް ވެކްސިން ދިނުމަށް 10,000 ޑޯޒު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ދާއިރާގެ މުވައްޒަފުންގެ ތެރެއިން ފުރަތަމަ ވެކްސިން ޖަހާނެ މީހުން ކަނޑައެޅުމަށް ހުރިހާ ޓޫރިސްޓު ފެސިލިޓީއަކަށް ނަން ފޮނުވުމަށް މިހާރު އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"ވެކްސިން ދޭއިރު ބަލާނީ ގެސްޓުންނާ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ފުރަތަމަ ވެކްސިން ދިނުމަށް. އޭގެ ތެރެއިން ވެސް ގެސްޓު ހައުސްތަކުގެ މުވައްޒަފުންނަށް އިސްކަން ދޭނަން. އެއީ ކޮމިއުނިޓީ ތެރޭގައި އުޅޭ ބަޔަކަށްވާތީ. މީގަ މާބޮޑު ޝަރުތުތަކަކަށް ނުބަލާނެ. ނަމަވެސް ވެކްސިން ދިނުމަށް ކަނޑައަޅާ އުސޫލު ކޮންމެވެސް ވަރަކަށް ފައްތާލާފަ, ގެސްޓުންނާ ކައިރިން މަސައްކަތްކުރާ މީހުންނާއި އުމުރުން މަތީ މީހުންނަށް އިސްކަންދޭނެ," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފުރަތަމަ ބުރުގައި 5000 މުވައްޒަފުންނަށް ވެކްސިން ދިން ކަމުގައިވީ ނަމަވެސް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށް, ދެވަނަ ޑޯޒު ޖެހުމުގެ ކުރިން އިތުރު ވެކްސިން ޝިޕްމަންޓެއް ލިބި, އިތުރު މުވައްޒަފުންނަށް ޖެހިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވި ގޮތުގައި ރާއްޖެއަށް މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެ އެވެ. އެއީ ކިތައް ޑޯޒު ކަމެއް އަދި ކޮން ވެކްސިނެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އޭގެ އިތުރުން އަންނަ މަހުގެ ތެރޭގައި ރާއްޖޭން ގަނެފައިވާ ހަތް ލައްކަ ޑޯޒުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓު ރާއްޖެ ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އިން ގެންނަ ވެކްސިނެވެ.
މި ދެ ވެކްސިންގެ އިތުރުން ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ނިންމާފައިވާއިރު, ޗައިނާ އިން އުފެއްދި, ސައިނޯފާމް ވެކްސިންގެ 5,000 ޑޯޒު ވަނީ ލިބިފަ އެވެ. މިއީ ރާއްޖެއަށް ހެޔޮއެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިންތަކެކެވެ. ނަމަވެސް އެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް އަދި ހުއްދަ ދީފައެއް ނުވެ އެވެ.