ޚަބަރު

ބަޑިބޭހާއި ކުޅެން ނޭނގޭ ބަޔަކު ބަޑި ބޭހާއި ކުޅެގެން ނުވާނެ- ރައީސް

ބަޑި ބޭހާއި ކުޅެން ނޭނގޭ ބަޔަކު ބަޑިބޭހާއި ކުޅެގެން ނުވާނެކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދެއް ދެއްވައިފި އެވެ.

" ބުރިޖު ސަޅި" މި ނަމުގައި މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުން މިސާލު ބަހުގެ ގޮތުގައި ބަޑިބޭހުގެ ވާހަކައިން ރައީސް އިޝާރާތްކުރެއްވީ ސިނަމާލެ ބުރިޖުގެ ވާހަކަ އާއި އެމަނިކުފާނުގެ ތަސައްވުރުގައި ގެނެސްދެއްވާފައި ހުރި ތަރައްގީއަށެވެ.

ސިނަމާލެ ބުރިޖުގެ ބިޔަ މަޝްރޫއަކީ އިދކިކޮޅު އެމްޑީޕީގެ ވިސްނުގައި އޮތްކަމެއް ކަމަށް ވިދާޅުވެ ދެކެވުނު ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ބުރިޖުގެ ވިސްނުން އިދިކޮޅު ގައި ހުރިނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގެ ވިސްނުމެއް އަދި އެގާބިލުކަމެއްވެސް އިދިކޮޅުގެ ކިބައިގައި ނެތް ކަމަށެވެ.

"ނަޝީދުގެ ހިޔާލުފުޅުގައި އެއޮތް ބުރިޖު މިއޮތީ ރައްޔިތުންނަށް ފެންނަން. ދަތުރުވެސް ކުރެވޭ ދެއްތޯ؟ ސަޅީ ރައީސް ނަޝީދުގެ ހިޔާލުފުޅުތޯ؟" ކުރީގެ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިފަދަ ބޮޑު ބިޔަ އެއްވެސް މަޝްރޫއެއް ހިންގަން ރައީސް ނަޝީދަށް ކެރިވަޑައި ނުގެންނެވި ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ނިމިފައި ހުރީ މަދު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ ދަރަނި ދެއްކޭވަރުގެ ގާބިލްކަން އޮތް ސަރުކާރެއް ކަމަށާއި މި ސަރުކާރުން ލޯނު ނަގައިގެން ދަރަނިވެރި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ "އިދިކޮޅު ފަރާތްތަކުންވެސް ބާއްވާ ޖަލްސާ އަށް ހުޅުމާލޭގައި ތިބި އެ ފިކުރުގެ މީހުންވެސް މި ބުރިޖުން އަންނާނެ" ކަމަށެވެ.

މި ޖަލްސާގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އިތުރު ފަރާތްތަކެއް ވެސް ވަނީ ޕީޕީއެމް އާއި ގުޅިފައެވެ. މިރޭގެ ޖަލްސާގައިވެސް ރައީސް ވަނީ 23 ސެޕްޓެމްބަރު ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.