އީމެއިލް މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް ޕާސްޕޯޓަށް އެޕްލައި ކުރުމުގެ ހިދުމަތް ހުޅުވައިލަން އިމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އާންމުންގެ ތެރެއިން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ޕާސްޕޯޓު ހައްދަން ޖެހުމުން ދިމާވާ ދަތިތަކުގެ ޝަކުވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން އެބަ ޖެހޭ އިމިގްރޭޝަންގެ އެކްސްޕެކްޓޭޝަން، ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ ދިމާވާން،" އޭނާ ވިދާޅުވިއެވެ.
ޕާސްޕޯޓަށް އީމެއިލް މެދުވެރިކޮށް އެޕްލައި ކުރުމުން އިމިގްރޭޝަނުން ގާއިމުކޮށްފައިވާ ހަތަރު ސެންޓަރުން ޕާސްޕޯޓް ނެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާސްޕޯޓު ބަލައިގަތުމަށް ސެންޓަރުތައް ގާއިމުކޮށްފައިވަނީ މާލެ އާއި ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައެވެ.
ހަނަފީ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ގެންދަވަނީ މި އަހަރު ނިމުމުގެ ކުރީން ޕާސްޕޯޓް އެޕްލިކޭޝަން އޮންލައިންކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ގާއިމުކޮށްދިނުމަށް ކަމަށެވެ.