ޝެއިޚް އަލީ ޒައިދު

ހިތްފަޅައިގެން ނުބެލިޔަސް އެމީހަކު ދައްކާ ވާހަކައާއި އަމަލުން އެމީހާގެ ފިކުރު ދެނެގަނެވޭނެ: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

އިންސާނާގެ ހިތް ފަޅައިގެން ނުބެލިނަމަވެސް، އެމީހަކު ދައްކާ ވާހަކައާއި އަމަލުތަކަށް ބެލުމުން އެމީހާގެ ފިކުރަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޒައިދުގެ ޓުވީޓުގައި ވިދާޅުވީ މީހުން ލާދީނީއޭ ވެސް ބުނަނީ ހަމަ ބުނަންވެގެން ކަމަށާއި އެމީހެއްގެ ބަހާއި އަމަލުން އެއީ ކޮން ޒާތެއްގެ މީހެއްކަން ދެނެގަނެވޭނެ ކަމަށެވެ.

އަދި އިތުރު ޓުވީޓެއްގައި ވަނީ ޒިނޭ ކުރުމަށް ބާރުއަލައި އަދި ޒިނޭކޮށް، ނަހަލާލަށް ބަލިވެ އިނުމަކީ ކުޑަ ކަމެއް ކަމުގައި ދައްކައި ހެދުމަށް މުޖުތަމައުގައި ވާހަކަދައްކައި އުޅޭ ފަރާތްތައް ﷲއަށް ބިރުވެތިވުމަށް ގޮވާލައްވާފައެވެ.

ޒައިދު ވިދާޅުވީ ދުލަކީ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި މުޖުތަމައުގައި މުޑުދާރު ވާހަކަތައް ދައްކާނީ ވަރަށް ގޮތެއް ނެތީމަ ކަމަށެވެ.

ޒައިދު މިފަދައިން ޓުވީޓު ކުރެއްވި އިރު އޭނާގެ ޓުވީޓުގައި ވަކި މީހެއްގެ ނަން ހާމަކުރައްވާފައި ނުވި ނަމަވެސް އެމްޑިޕީން ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޒިނޭކުރުމަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ވާހަކަދައްކަވާފައެވެ.

ނަޝީދުގެ ވާހަކައިގައި ވިދާޅުވީ ކައިވެނި ނުކޮށް ދަރިން ހޯދާ މައްސަލައަށް އޮތް ހައްލަކީ ކުއްޖާގެ މަންމައަށް ބާތު ކޮންޓްރޯލް ކުރެވޭ ގޮތް ހެދުން ކަމަށެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން ކައިވެނިނުކޮށް ތިބޭ އަންހެނުންނަށް ބާތު ކޮންޓްރޯލް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ އެވާހަކައާ ގުޅިގެން ދީނީ އިލްމުވެރިންނާއި ގިނަ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ.