ވޯކް ވިސާގައި މިހާތަނަށް ރާއްޖެއަށް 144،607 ބިދޭސީން ގެނެސްފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް ގާތްގަނޑަކަށް 63،000 ބިދޭސީން މަސައްކަތް ކުރަމުންދާކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަނަފީ ވިދާޅުވީ އެ މައްސަލަތައް ބެލުމަށްފަހު އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ ޕްރިވެންޓު ކުރެވޭނެ ގޮތެއް. ސިސްޓަމް ރަނގަޅު ނުކޮށް އަޅުގަނޑުމެންނަށް ޑީޕޯޓްކޮށްލެވިދާނެ. އެކަމު ސިސްޓަމްގައި އެ އިޝޫ އުޅެންޏާ ހަމަ އަންނާނެއެންނޫންތޯ. ޑީޕޯޓްކުރަން ޖެހޭ ފަރާތްތައް ޑީޕޯޓްކުރާނަން. ފޮނުވާލަން ޖެހޭ މީހުން އަޅުގަނޑުމެން ފޮނުވާލާނަން،" އޭނާ ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކުން ޑީޕޯޓުކުރުމުގެ ކުރިން ސިސްޓަމް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރިއަށްދާނީ އެ މަސައްކަތްކުރުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެކި ސަބަބުތަކާހެދި ރާއްޖެއިން ފޮނުވާލާފައިވާ ބިދޭސީންގެ އަދަދުތައްވެސް އޭނާ ވަނީ މިއަދު ހާމަކޮށްފައެވެ. ސިއްހީ ސަބަބުތަކާ ގުޅިގެން މިދިޔަ އަހަރު ރާއްޖެއިން ފޮނުވާލި މީހުންގެ އަދަދު ވަނީ ކުރީ އަހަރަށްވުރެ އިތުރުވެފައި ކަމަށް ވެސް ހަނަފީ ވިދާޅުވިއެވެ.
ހަނަފީ ވިދާޅުވީ ސިއްހީ ހާލަތުގެ ސަބަބުން ރާއްޖެއިން މިދިޔަ އަހަރު 531 މީހުން ވަނީ ފޮނުވާލާފައި ކަމަށެވެ. އޭގެ ކުރީ އަހަރު ފޮނުވާލި މީހުންގެ އަދަދަކީ 430 އެވެ.
ޖިނާއީ ކުށްތަކުގެ ތުހުމަތު ކުރެވޭ 112 މީހަކު މިދިޔަ އަހަރު ޑީޕޯޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.