އެވަކާޑޯއަކީ ގިނަ ގޭގޭގައި ބޭނުންކުރާ މޭވާއެެކެވެ. ނަމަވެސް ގަންނަތާ ދެދުވަސްވަރު ތެރޭ އެވަކާޑޯގެ ކުލަ ބްރައުން ކުލައަށް ބަދަލުވެ އޭގެ ތާޒާކަން ކެނޑެއެވެ.
މިކަމަށް ހައްލެއްގެ ގޮތުން މީސްމީޑިއާގައި އަންހެނަކު މިވަނީ ޓްރިކެެއް ހިއްސާކޮށްފައެވެ. ފަސޭހަކޮށް އެވަކާޑޯ ގިނަ ދުވަހު ހަލާކުނުވެ ބަހައްޓަން ކާށިތެޔޮ ބޭނުން ކުރެވިދާނެ ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެ އަންހެންމީހާގެ ޕޯސްޓާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވާގޮތުގައި އެވަކާޑޯ ފަޅައިލުމަށްފަހު އޭގެ ތެރޭގައި ކާށިތެޔޮ ފޮދެއް ހާކައިލުމުން އެ ހަލާކުނުވެ ކުލަ ބަދަލުނުވެ ވަރަށް ގިނަ ދުވަސްވަންދެން ބެހެއްޓޭނެއެވެ.
މި ޓްރިކް ވެގެން ގޮސްފައި މިވަނީ އެވަކާޑޯއަށް ލޯބިކުރާ މީހުނަށް ލިބުނު ވަރަށް މުހިއްމު ޚަބަރަކަށެވެ. އަދި ގިނަ ބަޔަކު އަންނަނީ ފޭސްބުކްގައި އެކަން ހިއްސާކުރީތީ އެ އަންހެން މީހާއަށް ތައުރީފުކޮށް ޝުކުރުއަދާކުރަމުންނެވެ.
އެވަކާޑޯގެ ކުލަ ބްރައުން ވަނީ އޭގައި އެންޒައިމެއް ކަމަށްވާ ޕޮލިޕެނޯލް އޮކްސިޑޭސް ހިމެނޭތީއެވެ. އެ އެންޒައިމުން އެވަކާޑޯ ވަޔަށް އެކްސްޕޯސްވުމާއެކު އޮކްސިޑައިޒްވެ އެވަކާޑޯގެ ކުލަ ބަދަލުވުމަށް މަގުފަހިވެގެންދެއެވެ.
ކާށިތެޔޮ ހޭކުމުން ވައިތައް އެވަކާޑޯއަށް ވާސިލްވުމަށް ހުރަހަކަށްވެއެވެ. އެހެންކަމުން އޮކްސިޑައިޒްވުމުގެ ފުރުސަތު ގެއްލި ގިނަ ދުވަސްވަންދެން މޭވާގެ ފެހިކަމާއި ތާޒާކަން ދަމަހައްޓައިދެއެވެ.
ގޭގައި ކާށިތެޔޮ ނެތް ހާލަތެއްގައި ލުނބޯ ނުވަމަ ލުނބޯހުތު ފަނި ބޭނުން ކުރެވިދާނެއެވެ. ލުނބޮއަކީ އެންޓިއޮކްސިޑެންޓެއްކަމުން އެވަކާޑޯގެ ކުލަ ބަދަލުވުމަށް ހުރަހަކަށް ވެގެންދެއެވެ. ނަމަވެސް މި ޓްރިކުން އެވަކާޑޯގެ ތާޒާކަން ދެމެހެއްޓޭނީ އިތުރު އެއްދުވަހަަށެވެ.