ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓައި މަރުވި އަންހެން މީހާ އޯޓޮޕްސީ ނުހަދައި ވަޅުލައިފި އެވެ.
މައުލޫމާތު ލިބޭގޮތުގައި މި އަންހެން މީހާ ވަޅުލާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އެވެ. މި އަންހެން މީހާ ވަޅުލާފައިވަނީ އާއިލާގެ ކިބައިން އެ އަންހެން މީހާގެ އޯޓޮޕްސީއެއް ހެދުމަށް މަޝްވަރާކުރަން ފުލުހުން އެދިފައިވަނިކޮށެވެ.
23 އަހަރުގެ މި އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފޭރުމުގެ މައްސަލައެއްގައެވެ. ފުލުހުން މައުލޫމާތުދޭގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ ޖަލުގައި މި އަންހެން މީހާ ހުރި މުއްދަތުގައި އެ އަންހެން މީހާއަށް ލިބެންޖެހޭ އެންމެހާ ހައްގުތަކާއި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އޭނާއަށް ފޯރުކޮށްދީފައިވާނެއެވެ.
މި މައްސަލަ އެޗްއާރުސީއެމްގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ފުލުހުން ހުށަހަޅާފައިވާ އިރު، އެޗްއާރުސީއެމްއިން ވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެ.