ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައިވަނީ ސަރުކާރުން އެގޮތަށް އަންގާފައިވާތީ ކަމަށެވެ.
އުޅަނދު ޕާކުކުރެވޭނެ އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖެއްސުމާއި އުޅަނދުތައް ރާއްޖެ އެތެރެކުމާއި ގެންގުޅުމުގެ އުސޫލުތަކުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެފަދަ މައްސަލަތައް ހުރުމުން ޕާކުކުރާނެ ޖާގަ ތަނަވަސްކޮށް ނުދީ ފުލުހުން ނުކުމެ ސްޓިކަރ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ސްޓިކާ ޖެހުމުގައި ފުލުހުން ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ދަށުން އެ ސްޓިކާ މައާފުކުރާ ކަމަށެވެ. އަދި އެއީ ފުލުހުންގެ ވަގުތުތައް ބޭކާރު ކުރުން ކަމަށް ވެސް ހަމީދު ސިފަކުރެއްވިއެވެ.
ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ލައިސަންސް ނެތި އުޅަނދު ދުއްވުމާއި ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވުން ފަދަ ކަންކަމުގައި މިހާރު ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.