މާހައުލު ހަލަބޮލި ކުރުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީން އަބްދުލްޤައްޔޫމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އޮޅުވާލި ވޯޓުގެ ނަމުގައި ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގެން ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޖަވާބުދާރީ ވަންދެން މުޒާހަރާ ކުރުމަށް ގޮވާލައްވައިފައެވެ.
ރައީސް މައުމޫން މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް އޮފީހުގައި އިންތިހާބީ ރައީސް އިބޫއާއި ރައީސް މައުމޫން ބޭއްވި ބައްދަލުވުމަށްފަހު އިބޫ ވިދާޅުވީ މާހައުލު ހަލަބޮލި ކުރުމަށް ރައްޔިތުން ވެސް ތިބީ ތަންދޭ ގޮތަކަށް ނޫން ކަމަށާއި ރައްޔިތުންގެ ނިންމުން މިއަދު ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.
"އަޅުގަނޑާ ވާދަކުރެއްވި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެކަން ގަބޫލުފުޅު ކުރައްވާފައި. އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ، އިދިކޮޅު ޕާޓީގެ ގޮތުގައި ވާދަވެރިއެއްގެ ގޮތުގައި ކުރިއަށްއޮތް ފަސް އަހަރުގައި ސިޔާސީ މަސްރަހުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައި އެބައޮތް. އެހެންނަމަވެސް އަނެއްކާ އިއްޔެ އެމަނިކުފާނުގެ ހިޔާލުފުޅު ބަދަލުވެގެން ދާތަން މިފެންނަނީ. އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކުގައި ރައީސް ޔާމީނަށް މިއަދު ދަންނަވާލަން ބޭނުންވަނީ އެމަނިކުފާނު އިސްވެ ހުންނަވައި، މާހައުލު ހަލަބޮލި ކުރުމަށް މަސައްކަތް ނުކުރައްވާށޭ. އެއަކަށް އަޅުގަނޑުމެންނެއް އަދި ރައްޔިތުން ވެސް ތިބީ ތަންދޭކަށެއް ނޫނޭ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މައްސަލައެއް ހުށަހެޅިފައި އޮވެއްޖެއްޔާ އެކަންކަން މުއައްސަސާތަކުން ބަލަން ޖެހޭނެ ކަމަށާއި އެއީ ވަކި މީހެއް އިސްތިސްނާވެގެން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން ކަންކަން ހައްލުނުކުރާނެ ކަމަށާއި ކުރިއަށްދާނީ ރައްޔިތުންގެ ނިންމުމާއެކީ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.