ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި މއ. ބޮއިލިންގްފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، އެކޯޓުން ދިފާއުކޮށްފިއެވެ.
"އިރުއަލިމަސް" ކިޔާ ދޯންޏެއްގައި 26 މާޗް 2020 ވަނަ ދުވަހު ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި ވިސާމް އާއެކު އިތުރު 11 މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ފޮނުވިއެވެ.
ނަމަވެސް މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެން ތިބި މީހުން ޝަރީއަތް ނިމެން ބަންދުގައި ބައިތިއްބަން އަމުރުކުރި އިރު، ވިސާމް ވަނީ ދޫކޮށްލައިފައެވެ. އޭނާ ދޫކޮށްލީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ މީހެއް ކަމަށް ލިޔުންތަކުން އެނގެން އޮތްއިރު އަދި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދީފައިވާތީ، ވިސާމް ބަންދުގައި ބަހައްޓައިފި ނަމަ އޭނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ކަމަށް ކޯޓުން ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ވިސާމް ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސްގެން އޮޕަރޭޝަން ކުރަން ޖެހޭ ފަރާތެއްކަން ހުށަހެޅުނު މެޑިކަލް ލިޔުންތަކުން އެނގޭ ކަމަށާއި އެހެންނަމަވެސް ބަންދު މުރާޖައާކުރުމުގެ އަޑުއެހުން ބޭއްވުނު ދުވަހާ ހަމަޔަށްވެސް ކަށީގެ ހާއްސަ ޑޮކްޓަރަކަށް ވިސާމް ދައްކާފައި ނުވާ ކަމަށެވެ. އެކަމާ ގުޅޭ ލިޔުންތައް ކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ.
ކޯޓުން ބުނީ ވިސާމްގެ ނަފްސާނީ ހާލަތާ ގުޅިގެންވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑޮކްޓަރަށް ދެއްކުމުން އޭނާ ނަފްސާނީ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ޑޮކްޓަރު ލިޔުއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަފްސާނީބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ވިސާމް ދައްކާފައި ނުވާ ކަމަށް ކޯޓުން ބުންޏެވެ.
ވިސާމްގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ އޭނާގެ ބަލީގެ ހާލަތުގެ ކަންކަމާ ގުޅިގެން ޕީޖީ އޮފީހުން އެ އަޑުއެހުމުގައި ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށް އެ ބަޔާނުގައިިވެއެވެ.
"އަހުމަދު ވިސާމްގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ އޭނާގެ ބަލި ހާލަތާ ގުޅޭ ކަންކަމާ ގުޅިގެން ޕީޖީގެ ފަރާތުން ވިދާޅުވަނީ ކީކޭތޯ ޝަރީއަތުން ސުވާލުކުރުމުން އަހުމަދު ވިސާމްގެ ބަލި ހާލަތާ ގުޅިގެން އެއްވެސް ކަމެއް ފާހަގަކުރަން ނެތްކަމަށް ދައުލަތުން ބުނެފައިވޭ،" ބަޔާނުގައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން އޭނާ ދޫކޮށްލީ ގިނަ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން ވިސާމް ދޫކޮށްލުމާ ގުޅިގެން ޕީޖީން ވަނީ އެ މައްސަލަ ހައިކޯޓްގައި މިހާރު އިސްތިއުނާފު ކޮށްފައެވެ.