ޚަބަރު

އިރުވައި މޫސުމުގެ ބާރު އޮއިވަރަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

އިރުވައި މޫސުމުގެ ބާރު އޮއިވަރަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފި އެވެ.

އެންމެންޑީއެފް އިން ވަނީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިރުވައި މޫސުމުގެ އޮއިވަރު ބާރު ދުވަސްވަރެއްކަމުން ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމުގެ ގޮތުން ޑައިވިންގެ އިތުރުން މޫދު ކުޅިވަރުތައް އިންތިޒާމްކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

އޮއިވަރު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ތަފާތު ނުރައްކާތެރި ހާދިސާތަކާއި، ޑައިވަރުންނާއި ސްނޯކްލިންގއަށް ގޮސް އުޅޭ ފަރާތްތައް އޮޔާ ގޮސް ނުފެންނަކަމުގެ ރިޕޯޓުތައް ކޯސްޓްގާޑަށް ލިބެމުން އަންނާތީ އެމްއެންޑީއެފް އިން ވަނީ ސަލާމަތީ ގޮތުން ލައިފް ޖެކެޓް އެޅުމާއި ލައިފް ގާޑުން އަދި ލައިފް ބޯޓް އުޅަނދު ފަހަރުން މީހުންނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް އިންތިޒާމު ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޑައިވް ކުރާމީހުންނަށް ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ޑައިވަރުންގެ އަމަލުތައް ބެހެއްޓުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އެކަނިވެސް ވަނީ ހުއިފިލަނޑާ ނަގަން މޫދަށް ފައިބައިގެން އުޅުން ދެ މީހަކު ދެ ސަރަހައްދަކުން ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައެވެ. މި ދެ މީހުންވެސް ވަނީ ގެއްލުމެއް ނުލިބި ސަލާމަތްކަން މަތީ ފެނިފައެވެ. މީގެ އިތުރުން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ތިން ފަތުރުވެރިން މި ހަފުތާ ތެރޭ ވަނީ މަރުވެފައެވެ.