ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވަމުން އަންނައިރު، އިން ތިހާބަށް ބޭނުންވާ ފައިސާ ހަމަނުޖެހިއްޖެ ނަމަ އިންތިހާބަށް ހުރަސްއެޅިދާނެ ކަމުގެ ކަން ބޮޑުވުން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުގެ މެންބަރު އަދި މީޑިޔާ ކޯޑިނޭޓަރު އަހުމަދު އަކުރަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައި، ކޮމިޝަނުގެ އެ ކަންބޮޑުވުން ގާސިމްގެ ސަމާލުކަމަށްވެސް ގެނަސް ފައިވާ ކަމަަށެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި، މަޖިލިސް އިންތިހާބަށް 123 މިލިޔަން ރުފިޔާ ހަމަޖައްސައިިދިނުމަށް އިލެކްޝަނުން ހުށަހެޅި އެވެ.
ނަމަވެސް އަކުރަމް ވިދާޅުވި ގޮތުގައި ކޮމިޝަނާ މަޝްވަރާ ނުކޮށް، ކުރީގެ ސަރުކާރުން އެ އަދަދު 80 މިލިޔަން ރުފިޔާއަށް ކުޑަކޮށް ބަޖެޓްގައި ހިމެނި އެވެ. އަދި ކޮޝަނުން ކުރި މަސައްކަތުން 9.2 މިލިޔަން ރުފިޔާ އިތުރު ކުރަން ފިނޭންސް މިނިސްޓްރީން ނިންމި ނަމަވެސް އެ އަދަދު ބަޖެޓް ރިޕޯޓްގައި ހިމަނާފައިވެސް ނުވެ އެވެ.
އަކުރަމް ވިދާޅުވީ، އިންތިޚާބަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރަމުންދާ ކަމަށާއި، އެކަން ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނައުމަށްވެސް ނިންމާފައިވާ ކަމަށެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ހައެއްގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިއްލާން ކުރައްވައިފަ އެވެ.