ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިހާބު ކާމިޔާބުވެގެންދިޔައީ ރައީސް މައުމޫންގެ ހާއްސަ މަސައްކަތްޕުޅާއެކު: އިބޫ

އިންތިހާބު ކާމިޔާބުވެގެންދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ހާއްސަ މަސައްކަތްޕުޅާއެކު ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމަންޓް އޮފީހުގައި އިންތިހާބީ ރައީސް އިބޫއާއި މައުމޫން ބޭއްވި ބައްދަލުވުމަށްފަހު އިބޫ ވިދާޅުވީ ނުހައްގުން ބަންދުގައި ރައީސް މައުމޫން ހުންނެވި ނަމަވެސް އޭރުވެސް އެމަނިކުފާނު ކުރެއްވި މަސައްކަތް ފާހަގަކުރެވުނު ކަމަށެވެ.

"އިންތިހާބު ކާމިޔާބުވެގެން ދިއުމުގައި ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ މަސައްކަތްޕުޅު ހާއްސަގޮތެއްގައި މިއަދު ފާހަގަކުރަން. އެނގިވަޑައިގަންނަވާނެ އެމަނިކުފާނަށް އެދުވަސްކޮޅު އިންނަވަން ޖެހިވަޑައިގަތީ ނުހައްގު އަނިޔާއެއްގެ ތެރޭގައި. ޖަލުގައި ނުހައްގުން ބަންދުކޮށްފައި. އެހެންނަމަވެސް އެތާނގައި އިންނަވައިގެން ވެސް އެމަނިކުފާނަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވިކަން އަޅުގަނޑު ހިތުގެ އަޑިން މިއަދު ގަބޫލުކުރަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރަށްރަށަށް ކުރެއްވި ދަތުރުތަކުން ރައީސް މައުމޫން ކުރެއްވި މަސައްކަތް ފާހަގަކުރެވުނު ކަމަށާއި އެކަމަށްޓަކައި ރައީސް މައުމޫނަށް އިހުލާސްތެރިކަމާއެކު ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންކުރުމަށް ހައިކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު އަމުރުކޮށްފައެވެ. ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނުދޭން އެންގުމުން ފޯނު ނުދިން މައްސަލާގައެވެ. އެ މައްސަލާގައި މައުމޫންގެ މައްޗަށް އުފުލީ އަދުލު އިންސާފު ގާއިމް ކުރުމުގެ ދައުވާއެވެ.