ޚަބަރު

މިފްކޯ އިން އެމްޕީއެލްގެ ރީޗް ސްޓެކާއެއް ގަނެފި

އަލީ އަފާފު ރަމީޒު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ކޮންޓެއިނަރުތައް އުފުލަން ބޭނުންކުރާ "ރީޗް ސްޓޭކާ" އެއް މިފްކޯއިން ގަނެފިއެވެ.

އެމްޕީއެލުން މިފްކޯއަށް ރީޗް ސްޓޭކާ ވިއްކާފައިވަނީ ދިގު މުއްދަތުން ފައިސާ ދައްކާ ހާލާސް ކުރާ ގޮތަށެވެ. އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ފެލިވަރުގެ އޮޕަރޭޝަން ހުރިގޮތުން ދަތިތަކެއް ދިމާވަމުންދާ ކަމަށާއި ރީފާ ކޮންޓެއިނަރުތައް ލޯޑްކުރުމާއި އަންލޯޑް ކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. ރީޗް ސްޓެކާއާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ރީޗް ސްޓެކާ މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ފެލިވަރުގެ ޕްރޮޑަކްޝަންގައި ނިންމާ ޕްރޮޑަކްޓްތައް އެކްސްޕޯޓު ކުރުމަށް،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ފެލިވަރުގެ ސްޓޯރޭޖަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ރީފާ ކޮންޓެއިނަރުތަކެއް އޮޕަރޭޓްކުރަމުންދާ ކަމަށާއި އެ ކޮންޓެއިނަރުތައް މާލެ ޕޯޓަށް މިހާރު ގެންނަނީ ކޫއްޑޫއިން ލޯޑްކޮށްގެން ކަމަށެވެ. ރީޗް ސްޓެކާއާއެކު ސީދާ ފެލިވަރުން ލޯޑްކޮށްގެން މާލެ ޕޯޓަށް ގެނެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ހަރަދުވެސް ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.

"ފެލިވަރުގެ މަސް ކިރުމުގައާއި ސްޓޯރޭޖަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ރީފާ ކޮންޓެއިނަރުތަކެއް އެބަ އޮޕަރޭޓްކުރަން. އެވެސް ވަރަށް ބޮޑު ލުޔަކަށް ވާނެ. އެފިޝަންސީގެ ގޮތުން ތަންކޮޅެއް ފަސޭހަވާނެ މިހާރު ކުރިއަށްވުރެ. އެއީ ސީދާ 40 ފޫޓުގެ ކޮންޓެއިނަރު ލޭންޑިން ކްރާފްޓަށް ލޯޑުކޮށްގެން މާލެގެ ޕޯޓަށް ގެނެވޭނެ. މިހާރު ކޫއްޑޫއިން ލޯޑުކޮށްގެން މާލެ ޕޯޓަށް މި ގެންދަނީ. ކޯސްޓްގެ ގޮތުން ބަލާނަމަ މިފްކޯއަށް ލުއިވާނެ ސީދާ ފެލިވަރުން ލޯޑްކޮށްގެން މާލެ ޕޯޓާ ހަމައަށް ގެންނަންޏާ." އިސްމާއިލް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރީޗް ސްޓޭކާ މިފްކޯއަށް ވިއްކާލީ މިފްކޯ އިން އެކަމަށް އެދުމުން މިފްކޯގެ ހާލަތަށް ބެލުމަށްފަހު ކަމަށެވެ. އަދި ރީޗް ސްޓޭކާއަކީ އެމްޕީއެލުން ބޭނުންކޮށްފައިވާ ވެހިކަލަކަށް ވިޔަސް އެ ވެހިކަލަކީ މި ވަގުތުވެސް ވަރަށް ރަނގަޅު ހާލަތެއްގައި އޮތް ވެހިކަލެއް ކަމަށެވެ.