ޚަބަރު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީސް ހިންގެވުމުގެ ޒިންމާތައް ހޫދުއާ ހަވާލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އިބްރާހިމް ހޫދުއާ މިއަދު ހަވާލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް މަގާމުގައި ހުންނެވި ހޫދު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް ހަވާލު ކުރެއްވުމުން އެ އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސް ކުރައްވާނީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

މި ބަދަލު ގެނެސްފައިވަނީ ރައީސް އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމު ފުރުއްވަމުން ގެންދެވި ހަސަން އިސްމާއީލް، އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު "ވަން" އަށް ވިދާޅުވީ ހަސަން އިސްމާއިލް އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ސަރުކާރުގެ އެފަދަ މަސްއޫލިއްޔަތެއް އަދާކުރެއްވުމަށް އުޒުރުވެރިވާތީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.