ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މައުމޫންގެ ތާއީދާއެކު މަޖިލީހުގެ 80 ދާއިރާއަކަށް، 180 މީހުން ކުރިމަތިލުމަށް ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު 80 ދާއިރާއަށް ވާދަކުރުމަށް 180 މީހުން ހުށަހަޅާފައިވާކަމަށް މައުމޫން ރިފޯމް މޫވްމެންޓުން ބުނެފިއެވެ.

މައުމޫންގެ ރިފޯމް މޫވްމަންޓުގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 180 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި 80 ދާއިރާއަކަށް ވާދަކުރަން ވިސްނާފައިވާ ކަމަށާއި އެދާއިރާތަކަށް ކެންޑިޑޭޓުން ނެރޭނީ ރައީސް މައުމޫންގެ ފުރިހަމަ ތާއީދާ އެކުގައި ކަމަށެވެ.

އަދި އޭގެ ކުރިން ކޯޓުގައި އޮތް ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ނިމި، ޕީޕީއެމް ރައީސް މައުމޫނަށް ލިބިވަޑައިގެންފި ނަމަ ކެންޑިޑޭޓުން ނުކުންނާނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށާއި ޕާޓީ ނުލިބިއްޖެނަމަ ނުކުންނާނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ކަމަށް އަލީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫނަކީ ސަރުކާރު ކޯލިޝަންގެ ލީޑަރެއް ކަމަށާއި އެހެންކަމުން ކުރިމަތިލުމަށް އެދޭ ފަރާތްތަކާ އިންޓަވިއު ކުރާއިރު 17 ދާއިރާއަށް ވާދަކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެކަން ވެސް ކެންޑިޑޭޓުންގެ ސަމާލުކަމަށް ގެންނަވަމުން ގެންދަވާ ކަމަށެވެ.

އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި އެމުއްދަތު މިމަހުގެ ދިހަވަނަ ދުވަހަށް ހަމަވެފައިވާއިރު މިހާރު ގެންދަނީ ކުރިމަތިލާފައިވާ މީހުންނާ އިންޓްވިއުކުރަމުން ކަމަށް އެމްއާރުއެމްއިން ބުނެއެވެ.

ޕީޕީއެމް ރައީސް މައުމޫނަށް ލިބިވަޑައިގެންފި ނަމަ ޕާޓީގެ ޓިކެޓްގައި ކެންޑިޑޭޓުން ނެރެން ނިންމާފައިވާއިރު ޕީޕީއެމްގެ މިލްކުވެރިކަމާ ބެހޭ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.