ޚަބަރު

61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށްހުރި މީހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި މއ. ބޮއިލިންގްފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

"އިރުއަލިމަސް" ކިޔާ ދޯންޏެއްގައި 26 މާޗް 2020 ވަނަ ދުވަހު ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލައިގައި ވިސާމް އާއެކު އިތުރު 11 މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ފޮނުވި އެވެ.

ނަމަވެސް މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެން ތިބި މީހުން ޝަރީއަތް ނިމެން ބަންދުގައި ބަހައްޓަން އަމުރުކުރި އިރު، ވިސާމް ވަނީ ދޫކޮށްލައިފަ އެވެ.

އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، ވިސާމަކީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ މީހެއް ކަމަށް ލިޔުންތަކުން އެނގެން އޮތްއިރު އަދި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދީފައިވާތީ، ވިސާމް ބަންދުގައި ބަހައްޓައިފި ނަމަ އޭނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، ވިސާމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވިސާމަކީ އެ ނެޓްވޯކުގެ އެންމެ އިސް ފަރާތް ކަމަށާއި އެ ކުށުގެ އަމަލު ހިންގުމުގައި އެންމެ އިސްކޮށް ހުރީ އޭނާކަން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން

އަހުމަދު ވިސާމް، ކ. މާލެ/ މ. ބޮއިލިންފިޝް
މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ/ ގުލްދަސްތާގެ
މުހައްމަދު މާއިޝް، ކ. މާލެ/ މ. މާކޮޅު
މުހައްމަދު ޝާމިން، ކ. މާލެ/ މއ. ވިރާހު
އަހުމަދު ސިފާޒް، މާލެ/ހުޅުމާލެ ފްލެޓް ނަންބަރު 06-ޖީ-4
އަބްދުﷲ ޝާމް. ކ. މާލެ/ މއ. ބޯޅަކިންކިރިމާގެ
ހުސެއިން ސުނާޒު، މ. މުލި/ ސޯސަންވިލާ
ސައުދުﷲ ރަޝީދު، ކ. މާލެ/ މ. ކެޕްރިކޯން
މުހައްމަދު ނަޝީދު، މ. މުލި/ ހުދުފިނިފެންމާގެ
މުހައްމަދު މާއިދު، މ. ކޮޅުފުށި/ އޯޝަންވިއު
މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި/ މުޝްތަރީގެ

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، މި އެންމެންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.