ޚަބަރު

އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ފުލުހުން ހޯދަނީ

ރިފާ ހަލީލު

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ގޮތުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހާއި ހަމަޔަށް ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފުލުހުން ބުނީ މި ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ހޮވޭ މީހުން މަސައްކަތްކުރަން ޖެހޭނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ކަމަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ މީހުންނަކީ ގްރޭޑް10 ނިންމާފައިވާ މީހުންނަށް ވާންޖެހެ އެވެ. ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުމާއި ފިރިހެނެއް ނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަށްވުރެ ކުރު ނުވުން އަދި އަންހެނެއް ނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރު ނުވުން ޝަރުތުތަކުގައި ހިމެނެ އެވެ.

މީގެ އިތުރުން، ވަޒީފާއަށް ކުރިމަތިލާ މީހުންނަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައިވާ މީހެއް ނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހޭނެވެ. އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާން ޖެހެ އެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ދޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މި ވަޒީފާއަށް ކުރިމަތިލާ މީހުންނަށް ދޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާން ޖެހެ އެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ މީހުން ޝަހީދު ހުސައިން އާދަމް ބިލްޑިންގެ އިތުރުން ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ ސ.ގަން ޕޮލިސް ސްޓޭޝަން ނުވަތަ ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެރިޝެޕްޝަނަށް ފޯމު ހުށަހެޅޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.