ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަންކުރާ މުވައްޒަފުން ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ދެކޮޅަށް ހިޔާލު ފާޅުކުރުން މަނާކޮށްފިއެވެ.
ސަރުކާރުން އެގޮތަށް ނިންމީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުށް ގެނައި ދިހަވަނަ އިސްލާހުގައެވެ.
މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލުގައިވާ ގޮތުން ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތައި އެފަދަ ނިންމުންތަކާ މެދު ހިޔާލު ތަފާތުވިޔަސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި ނޫސް މަޖައްލާ ފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދުން ހިމެނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
އެ އުސޫލުގައި ސިއްރު ހިފަހައްޓަންވެސް ބުނެފައިވެއެވެ. ސިޔާސީ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް ވުރެ ލަސް ވެއްޖެ ނަމަ މުސާރައިން ކެނޑޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.
ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން ސޮއިކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާ ފަރާތްތަކެވެ.