ސޯޅަ ރަށެއްގެ ސިއްހީ މަޝްރޫއުތައް އެރަށްތަކުގެ ކައުންސިލާ ހަވާލުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް މިއަހަރުގެ ޕީއެސްއައިޕީގައި ސިއްހީ ދާއިރާއަށް ކަޑައަޅާފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫއުތައް އެ މަޝްރޫއެއް ނިސްބަތްވާ ކައުންސިލަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށްރަށާ މަޝްރޫއުތައް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ކުރިއަށް އޮތް ދޮޅުމަސް ދުވަސް ތެރޭގައި އެ ހުރިހާ މަޝްރޫއުއެއްގެވެސް ބިންގާ އެޅޭނެ ކަމަށެވެ. އަދި ޕަބްލިކް ހެލްތު ދާއިރާ ލާމަރުކަޒީ ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއި ކައުންސިލްގެ އެއްބާރުލުން ލިބިގެން ކަމުގައި ފާހަގަކުރެއްވިއެވެ.
މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެއެވެ.