ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މަޖިލީހުގައި ހިދުމަތްކުރެއްވި 25 އަހަރު ވެސް އިބޫގެ ފަރާތުން އުނިކަމެއް ނުފެނޭ: ރައީސް މައުމޫން

ރައްޔިތުންގެ މަޖިލީހުގައި އިބްރާހިމް މުހައްމަދު ސޯލިހު ހިދުމަތްކުރެއްވި 25 އަހަރުގެ ތެރޭގައި ވެސް އެމަކުފާނުގެ ފަރާތްޕުޅުން އެއްވެސް އުނި ސިފައެއް ފެނިފައިނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމަންޓް އޮފީހުގައި އިންތިހާބީ ރައީސް އިބޫއާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ ކޯލިޝަނާއެކު ކުރިއަށް ދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އިބޫ ދެއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިބްރާހިމް މުހައްމަދު ސޯލިހު ހިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް އުނިސިފައެއް ފެނިފައެއް ނުވޭ. ގާބިލް، އަމާނާތްތެރި، ނަޒާހަތްތެރި ބޭފުޅެއްގެ ގޮތުގައި އެންމެންވެސް އެމަނިކުފާނު ފާހަގަކުރަނީ. އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް،

ރައީސް މައުމޫން ވިދާޅުވީ އިބޫ ހުންނެވީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށާއި ކޯލިޝަން ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ހަމައާއި އިންސާފުން އަދި އަދުލުވެރިކަމާ އެކީގައި ގެންދަވާނެކަމާއި ރައްޔިތުންނަށް އުފާފާގަތިކަމާއި އަމާކަން ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އިބޫ ދެއްވާފައިވާ ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ހަރުދަނާގޮތެއްގައި އެ ހުންނެވީ. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް ދެއްވި ކޯލިޝަން ދަމަހައްޓާނެ ކަމާއި ކޯލިޝަން ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ހަމައާއި އިންސާފުން އަދި އަދުލުވެރިކަމާ އެކީގައި ގެންދަވާނެކަމާއި ރައްޔިތުންނަށް އުފާފާގަތިކަމާއި އަމާކަން ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް. އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން އެ ދެއްކެވި ވާހަކަފުޅަށް. އަދި އެމަނިކުފާނުގެ އެވަރުގެ ގާބިލްކަން ހުރިކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް މައުމޫން ވިދާޅުވިއެވެ.