ސިޔާސީ ލީޑަރުންނާއި ސެލެބުރިޓީސްއާ އިންޓަވިއު ކުރުމުގައި މަޝްހޫރު ހޯސްޓް، ލެރީ ކިންގު މަރުވެއްޖެ އެވެ. މަރުވި އިރު އުމުރަކީ 87 އަހަރެވެ.
މިފަހުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެގެން ފަރުވާ ހޯދާފައިވާ ކިންގު މަރުވެފައިވަނީ ލޮސް އެންޖަލިސްގެ ކެޑާސް ސިނާއީ މެޑިކަލް ސެންޓަރު ފަރުވާ ހޯދަމުން ދަނިކޮށެވެ. އަދި މިމަހުގެ ކުރީކޮޅު އޭނާއަށް ކޮވިޑު ޖެހިގެން ވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދާފައިވެ އެވެ.
ލެރީ ކިންގުގެ ސިއްހީ ގިނަ މައްސަލަތަކެއް ހުރެ އެވެ. އެގޮތުން ހަކުރު ބަލީގެ އިތުރުން ހާޓް އެޓޭކް ޖެހި ބައިޕާސް ވެސް ހަދާފައިވާއިރު ފުއްޕާމޭގެ ކެންސަރަށް ވެސް އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ.
ސީއެންއެންގެ ޝޯވް، ލެރީ ކިންގް ލައިވް 25 އަހަރުގެ ދިގު މުއްދަތަކަށް ލެރީ ގެނެސްދީފައިވާއިރު އޭނާ ވަނީ އެ ޝޯވްގެ 6000 އެޕިސޯޑް ގެނެސްދީފަ އެވެ.